އަސާސީ ކާބޯތަކެތީގެ ގޮތުގައި ސަރުކާރުން ކަނޑައެޅުއްވި ބާވަތްތައް އަންނަ މަހުގެ 15 ގެ ކުރިން އެސްޓީއޯއިން ލިބެން ހުންނާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރު ވަނީ، ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކުމުގެ ޒިންމާ އެސްޓީއޯއަށް ހަވާލުކުރައްވާފައެވެ.
ރައީސް މުޢިއްޒު މިފަދައިން ނިންމެވީ، އާންމުކޮށް ކެއިންބުއިމުގައި ބޭނުންކުރާ ބާވަތްތަކުގެ އަގުތައް ބާޒާރުގައި ދޭތެރެދޭތެރެއިން އުފުލިގެން ދިޔުމުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވުމަށެވެ.
އެގޮތުން އެމަނިކުފާނު ވަނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކުރައްވައި އެތަކެތި ހެޔޮއަގުގައި ބާޒާރުން ލިބޭނެ އިންތިޒާމް ހަމަޖެއްސެވުން އެސްޓީއޯއާއި ހަވާލުކުރައްވާފައެވެ.
ރައީސް ވިދާޅުވީ، އެސްޓީއޯއަކީ ވިޔަފާރިކުރަން އުފައްދާފައިވާ ކުންފުންޏެއްކަމަށާއި، އެ ކުންފުނިން އެތެރެކުރަން ޖެހޭނީ ހަމައެކަނި ކާޑުގެ ބާވަތްތައް ނޫންކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ އެންމެ ގިނައިން ބޭނުންކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައްވެސް އެސްޓީއޯއިން އެތެރެކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



