ފެނަކަ އިން މި ހަފްތާގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފިއެވެ.
އެ ކުންފުނިން މިއަދު ވަނީ، މި ހަފްތާގައިއެ ކުންފުނިން ހިންގި ބައެއް ހަރަކާތްތަކުގެ ތަފްސީލީ އަދާހަމައެއް ”އެކްސް“ މެދުވެރިކޮށް ހިއްސާކުރައްވާފައެވެ.
އެގޮތުން މި ހަފްތާގައި، ވެރިރަށް މާލޭގައި ރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ކޮންސްޓްރަކްޝަން މިނިސްޓްރީއާ ގުޅިގެން ފެނަކައިން ވަނީ ކުޑަކުދިންގެ ހަވީރެއް ބާއްވާފައެވެ.
މީގެއިތުރުން ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ހޭންޑްބޯލް މުބާރާތް ބާއްވާ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ސިޓީގެ ފެނަކަ ބްރާންޗުގެ ޓެކްނިކަލް މުވައްޒަފުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ފެނަކަ އިން ވަނީ ހދ. ނޭކުރެންދޫގެ ސިއްހީ މަރުކަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ކޮނުމުގެ މަސައްކަތް ވެސް ފަށާފައެވެ.
މީގެއިތުރުން ފެނަކައިން ތ. އޮމަދޫގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ޕޯސްޓް ބިނާ ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި ގަސްތައް ކެނޑުމާއި ބިން ސާފު ކުރުމުގެ މަސައްކަތް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ފެނަކަ އިން މި ހަފްތާގައި ކުރި މަސައްކަތްތަކުގައި، ގދ. މަޑަވެލީގެ އޭ-ލައިން ކޭބަލް ބަދަލު ކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
ހދ. ނެއްލައިދޫގައި ފެނަކައިން ފޯރުކޮށްދޭ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، އައު ބްރޭކަރުތައް އެޅުވުމުގެ މަސައްކަތް ވެސް އެ ކުންފުނިން ވަނީ ކޮށްފައެވެ.
އުތުރުގެ ރަށެއް ކަމަށްވާ ށ. ނަރުދޫގައި 250 ކިލޯވޮޓްގެ 2 ނަންބަރު ޖެންސެޓުގެ ޑައިނަމޯ ސާވިސް ކުރުމުގެ މަސައްކަތް ވެސް ފެނަކައިން ކޮށްފައިވެއެވެ. އަދި ނ. ހެނބަދޫގައި ނަރުދަމާގެ އައު ކަނެކްޝަނެއް ގުޅައިދިނުމުގެ މަސައްކަތް ވެސް ފެނަކައިން ވަނީ ކޮށްފައެވެ.


