މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލުގެ ސަބަބުން ދޮގު ޚަބަރު ފެތުރުމުން ރައްކާތެރިކޮށްދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ތަސްދީގު ކުރައްވާފައެވެ.
މި ބިލަކީ، 2025 ސެޕްޓެންބަރު 16 ވީ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުން ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ފާސްކޮށްފައިވާ ބިލެކެވެ.
މި ބިލު ތަސްދީގު ކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ގާނޫނަކަށްވެ، އެ ގާނޫނަށް މިއަދުން ފެށިގެންވަނީ އަމަލުކުރަން ފަށާފައެވެ.
އިކޮނޮމިކް މިނިސްޓަރ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤައުމެއްގައި ވަރުގަދަ އިޤްތިޞާދެއް ބިނާ ކުރެވޭނީ އިތުބާރުގެ މަތިން ކަމަށެވެ.
އެހެންކަމުން މިއަދު ތަސްދީގު މިކުރެވުނު މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލުގެ ސަބަބުން މީހުންނަށާއި ވިޔަފާރިތަކާއި މުޖުތަމައުގައި ދޮގު ޚަބަރު ފެތުރުމުން ރައްކާތެރިކޮށްދޭނެ ކަމުގައި މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
މި ގާނޫނުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް، ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި ނޫސްވެރިންނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ހައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ ގޮތުން މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށާއި ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތަޢާރަފުކުރުމާއި، ބްރޯޑްކާސްޓިންގ މީޑިއާ ވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުން ކަމުގައި ސަރުކާރުން ބުނެފައިވެއެވެ.
މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 78/47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު) އާއި ގާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ”މޯލްޑިވްސް މީޑިއާ ކައުންސިލު“ އުވުނީއެވެ. އަދި ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ”މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން“ މި ގާނޫނުގެ ދަށުން އުފައްދާ ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން“ އަށް ބަދަލުވީއެވެ.



