އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ދުޝްމަނުންގެ އިންޒާރުތައް އަދިވެސް ދަނީ ލިބެމުން ކަމަށް އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަން (އޭއީއޯއައި) ގެ އިސްވެރިޔާ މުހައްމަދު އިސްލާމީ ވިދާޅުވެއްޖެއެވެ.
ނިއުސް އޭޖެންސީއަކަށް ދެއްވި އިންޓަވިއުއެއްގައި އީރާނުގެ ނިއުކްލިއާ ޗީފް މުހައްމަދު އިސްލާމީ ވިދާޅުވީ، އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އިޒްރޭލު-އެމެރިކާ ސިފައިން ދިން ހަމަލާތަކަށް ފަހު ވެސް އެ އިންޒާރުތައް ދެމި އޮތް ކަމަށެވެ.
އަދި މިހާރުވެސް އިޒްރޭލުން އަލުން ހަމަލާ ދިނުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކާއި، ދިފާޢީ މަރުކަޒުތަކާއި، އަސްކަރީންނަށާއި، ނިއުކްލިއަރ ސައިންޓިސްޓުންނާއި، އާންމު ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުން ވަނީ އީރާނާ ދެކޮޅަށް މިދިޔަ ޖޫން މަހު ހަނގުރާމައެއް ކޮށްފައެވެ.
12 ދުވަހަށް ދެމިގެންދިޔަ އެ ހަމަލާގައި އީރާނުގެ 935 މީހުން ވަނީ ޝަހީދުވެފައެވެ.
އިޒްރޭލުގެ އިތުރުން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް އެމެރިކާއިންވެސް ވަނީ ހަމަލާ ދީފައެވެ.
އިސްލާމީ ވިދާޅުވީ މިއީ ތާރީހުގައި ވެސް ހިމާޔަތް ކޮށްފައިވާ ނިއުކްލިއާ މަރުކަޒުތަކަށް އަސްކަރީ ހަމަލާތަކެއް ދިން ފުރަތަމަ ފަހަރު ކަމަށެވެ.
އޭގެ ސަބަބުން އީރާނުން އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އާ އެކު ކުރިން އޮތް ގާތް ގުޅުން ދަމަހައްޓަން ދަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އިސްލާމީ ވިދާޅުވީ ތާރީހަށް ބަލާއިރު އެ އެޖެންސީއާ އެކު އަލުން އިތުބާރު އުފެއްދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.



