ޔަމަނުން މިސައިލް އަދި ޑްރޯން ބޭނުންކޮށްގެން އިސްރާއީލަށް ހަމަލާތަކެއް ދީފި އެވެ.
ޔަމަނުގައި ވެރިކަން ކުރާ ހޫތީ ސަރުކާރުގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސާރީއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޔަމަނުގެ ވައިގެ ސިފައިން ވަނީ އިސްރާއީލުގެ ނާޒުކު ސަރަހައްދުތަކަށް އަމާޒުކޮށް މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފައެވެ.
އެގޮތުން ފަލަސްތީނުގެ ހިފާފައިވާ ސަރަހައްދުގައި ހުރި އިސްރާއީލުގެ އަސްކަރީ މަރުކަޒަކަށް ވަނީ ”ފަލަސްތީން-2“ ނަމަކަށް ކިޔާ ހައިޕަރސޮނިކް ބެލެސްޓިކް މިސައިލެއް ބޭނުންކޮށްގެން ކާމިޔާބު ކަމާއެކު ހަމަލާއެއް ދީފައި ކަމަށް ޔަހްޔާ ސާރީ ވަނީ ވިދާޅުވެފައެވެ.
އަދި މި ހަމަލާތަކާއި ގުޅިގެން ހިފާފައިވާ ސަރަހައްދުތަކުގެ ވައިގެ ސަރަހައްދު ބަންދު ކުރަން ޖެހުނު ކަމަށް ވެސް ޔަހްޔާ ސާރީ ވިދާޅުވި އެވެ.
ޔަމަނުގެ ވައިގެ ސިފައިން ވަނީ ފަލަސްތީނުގެ ހިފާފައިވާ ސަރަހައްދުތަކުގައި ތިބި އިސްރާއީލުގެ އަސްކަރިއްޔާއަށްް އަމާޒުކޮށް ދެ ޑްރޯން އޮޕަރޭޝަނެއްވެސް ހިންގާފަ އެވެ.
ފުރަތަމަ އޮޕަރޭޝަނުގައި އުއްމު އަލްރަޝްރަޝް ސަރަހައްދަށް ހަަމަލާ އަމާޒުކޮފައިވާއިރު ދެވަނަ އޮޕަރޭޝަންގައި ޑްރޯން ހަމަލާ ދިނީ ބެރްޝެބާ ސަރަހައްދުގެ ނާޒުކު އަމާޒުތަކަކަށެވެ.
ސާރީ ވިދާޅުވީ އުއްމު އަލް ރަޝްރަޝް ސަރަހައްދަކީ ޔަމަނުގެ އަސްކަރީ އޮޕަރޭޝަންތަކުގެ މައި ތަނބުގެ ގޮތުގައި ދެމި އޮންނާނެ ކަމަށެވެ.
މީގެ އިތުރުން ޔަހްޔާ ސާރީ ވިދާޅުވީ މިހާރު އޮތް ހާލަތުން ދޭހަވަނީ އިސްރާއީލުގެ ދުޝްމަނަކީ މުޅި ސަރަހައްދަށާއި އެއީ އެ ޤައުމުތަކަށް އޮތް ނުރައްކަލެއް ކަމަށެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓާލައި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަންދެން ފަލަސްޠީނުގެ އަނިޔާ ލިބެމުންދާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ޔަމަނުން ދެމިތިބޭނެކަމުގެ ޔަޤީންކަން ޔަހްޔާ ސާރީ ދެއްވިއެވެ.




