ވ. ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރަން އެރަށުގެ %80 މީހުންގެ ތަޢީދު ލިބޭނަމަ، އެކަން އެގޮތަށް ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވަނީ ރައްޔިތުންގެ އާއްމު އިޖްތިމާޢީ ކުރިއެރުމަށް ރައްޔިތުން ހުށައަޅަން ބޭނުންވާ ކަންކަން ހުށައެޅުމުގެ ފުރުސަތު ދެއްވާފައެވެ.
ރަކީދޫގެ ގިނަ ރައްޔިތުން ރައީސްއަށް ހުށައަޅާފައުވަނީ، މާލެ ކައިރިން އަލަށް ތަރައްޤީކުރާ ރަށަކަށް ރަށުގެ ރައްޔިތުންގެ ދިރިއުޅުން ބަދަލު ކޮަށްދެއްވުމަށެވެ.
އެގޮތުން ރަސްމާލެ، ގުޅިފަޅު ނުވަތަ އެނޫންވެސް، ދިރިއުޅުމުގެ ވަސީލަތްތައް ފުރިހަމަ، މާލެ ކައިރި ތަނަކަށް ހިޖުރަކުރެވޭނެ މަގު ފަހިކޮށްދިނުމަށް ރައްޔިތުން އެދިފައިވެއެވެ. އަދި އެ ރަށުގެ ރައްޔިތުން ފާހަގަކޮށްފައިވަނީ، ވަގުތުން ވަގުތަށް ބަދަލުވާން ބޭނުން ނުވާ ކަމަށާއި، ބޭނުންވަނީ ހަމަޖެހިގެން ދިރިއުޅެވޭނެ އިންތިޒާމުތަކާއެކު ބަދަލުވާން ކަމަށެވެ.
ރައްޔިތުންގެ ބައްދަލުވުމުގައި ރައްޔިތުން ހުށައެޅުއްވި ޚިޔާލުތަކަށް ރިޢާޔަތްކުރައްވާ ރައީސް ވިދާޅުވީ، ހިޖުރަކުރުމުގައި ރައްޔިތުންގެ ޚިޔާލު ވަރަށް ސާފުވެގެން ހިނގައްޖެކަމަށެވެ.
އެހެންކަމުން އެ ރަށުން ހިޖުރަކުރުމަށް ރައްޔިތުން ބޭނުންވާގޮތް ދެނެގަތުމަށް، ރަސްމީކޮށް މަސައްކަތްތައް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ޚިޔާލާއެކު ރަށުން ބަދަލުވާން ނިމިއްޖެނަމަ، ރައްޔިތުން ބަދަލުކޮށްދެއްވާނީ ވަސީލަތްތަކާ ޚިދުމަތްތައް ފުރިހަމަތަނަކަށްކަމަށް ވިދާޅުވިއެވެ. އަދި ދިރިއުޅެވޭނެ ގެއާ، ހިޖުރަކުރުމަށް ސަރުކާރުން ދޭންޖެހޭ ބަދަލުވެސް ދެއްވާނެކަމަށް ވިދާޅުވިއެވެ.




