ފ. ނިލަންދޫގެ ތަރައްގީއަށްޓަކައި މި ސަރުކާރުން އިތުރު މަޝްރޫއުތަކެއް އިއުލާންކޮށް، އާ އެއްބަސްވުންތަކެއްގައި ރޭގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ހަފްލާ ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް އިއްޔެ ވަޑައިގެން އެ އަތޮޅު ނިލަންދޫއަށް ޒިޔާރަތްކޮށް، ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.
ސޮއި ކުރި އާ މަޝްރޫއުތަކުގެ ތެރެއިން އެންމެ މުހިންމު މަޝްރޫއެއްގެ ގޮތުގައި ރައީސް ތަކުރާރުކޮށް ފާހަގަކުރެއްވީ ނިލަންދޫ އެއާޕޯޓުގެ މަޝްރޫއެވެ.
ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ނިންމަމުން އަންނައިރު، އެެ އެއާޕޯޓުގެ ސިވިލް މަސައްކަތްތަކާއި ތަން ހިންގުމުގެ އެއްބަސްވުމުގައި އެމްއޭސީއެލްއާއެކު ސަރުކާރުން ރޭގައި ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.
ނިލަންދޫގައި ހިންގުމަށް ސޮއި ކުރި އެއްބަސްވުންތައް:
° ޕާސްޕޯޓު ދޫކުރަން ފެށުން
° ފިއުލް ޝެޑެއް ހެދުމުގެ އެއްބަސްވުމުގައި އެސްޓީއޯ އާއި އިޝާން އިންވެސްޓްމަންޓާއެކު ސޮއިކުރި
° މަގު ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސޮއިކުރި
° އެއާޕޯޓުގެ ސިވިލް މަސައްކަތްތަކާއި ހިންގުން އެެމްއޭސީއެލްއާ ހަވާލުކުރި
° މަސްދަޅު ބަންދުކުރާ ކާރުހާނާ އަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކުރި
° ވެމްކޯގެ ހިދުމަތް ފަށަން ކައުންސިލާ އެކު ސޮއިކުރި



