ފ. ދަރަނބޫދޫގެ ރަށްގިރުމުގެ މައްސަލައަށް، އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ހައްލެއް ގެނެސްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ފ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ދަރަނބޫދޫއަށް މިއަދު ވަަޑައިގެން، ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި، ދަރަނބޫދޫގެ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުން މުހިންމު މަޝްރޫއުއެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށެވެ.
”މިކަމަކީ ރަނގަޅަށް ދިރާސާ ކުރަން ޖެހޭނެ ކަމެއް. ތަންކޮޅެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމެއް“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ދަރަނބޫދޫގެ ރަަށް ގިރުމުގެ މައްސަލަ ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އެ ރަށު ކައުންސިލު ގުޅިގެން ރަނގަޅަށް ބަލާފައި އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި އެ މަޝްރޫއު ހިމަނުއްވާނެ ކަމަށެވެ.


