އަވަށްޓެރި ޝްރީ ލަންކާގެ ތައުލީމީ އިދާރާތަކުގެ މިންގަނޑާ ހިލާފަށް މަތީ ތައުލީމު ދޭ ކޯސްތަކެއް ހިންގާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެންކަމުން އެ ގައުމުގައި ކިޔަވަން ފެށުމުގެ ކުރިން އެކަމަށް ސަމާލުވުމަށް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެމްކިއުއޭން ކުރި އިއުލާނެއްގައި ބުނީ، ލަންކާގެ ބައެއް މަރުކަޒުތަކުން މި ކޯސްތައް ހިންގަނީ، އެ ގައުމުގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދޭ މިންގަނޑާ ހިލާފަށް ކަމަށެވެ.
މީގެއިތުރުން، ހަޔަރ ޑިޕްލޮމާއިން މަތީގެ މިފަދަ ޕްރޮގްރާމްތައް އެހެން ގައުމުތަކާ ގުޅިގެން ހިންގާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް އެމްކިއުއޭގެ އިއުލާނުގައި ބުނެފައިވެއެވެ.
ނަމަވެސް މިފަދަ ކޯސްތައް ހިންގުމަށް ހުއްދަ ދީފައި ނުވާ ކަމަށާއި އެހެންކަމުން، އެ ކޯސްތަކުގެ ސެޓްފިކެޓް އެމްކިއުއޭއިން ގަބޫލު ނުކުރާނެކަމަށް ބުނެފައިވެއެވެ. އޭގެ ބަދަލުގައި އެތަނުން އެދުނީ، ލަންކާއަށް ދަރިވަރުން ކިޔަވަން ދިޔުމުގެ ކުރިން އެމްކިޔުއޭއިން ދޫކުރާ ”އިންޓެންޑެޑް“ ލިޔުން ހޯދުމަށެވެ.
ލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދެނީ، ހަޔަރ ޑިޕްލޮމާއިން ދަށުގެ ޓާޝަރީ ޕްރޮގްރާމްތަކަށް ކަމުގައި އެމްކިއުއޭ އިން ބުނެފައިވެއެވެ.
މީގެއިތުރުން ޑިގްރީއަށް ވުރެ މަތީ ޕްރޮގްރާމްތަކަށް ހުއްދަ ދެނީ، ލަންކާގެ ޔުނިވަސިޓީ ގްރާންޓްސް ކޮމިޝަނާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ހަޔަރ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނުން ކަމަށް ވެސް ބުނެފައިވެއެވެ.


