ފ. މަގޫދޫ އެއަޕޯޓްގެ މަސައްކަތް ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމުގެ ޔަޤީންކަން އެރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިކަމުގެ ޔަޤީންކަންދެއްވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވަމުންނެވެ.
ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު މިއަދު ހެނދުނު، ފ. މަގޫދޫ އިޖުތިމާޢީ މަރުކަޒުގައި ކުރިއަށް ގެންދެވި މަޝްވަރާބައްދަލުކުރެއްވުމުގައި، ފ. މަގޫދޫ ރައްޔިތުންގެ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މަގޫދޫ ރައްޔިތުން ވަނީ، އެރަށުގައި އަޅާ އެއަޕޯޓުގެ މަސައްކަތް ނުހުއްޓި ކުރިއަށްގެންދިއުމަށް އެދިވަޑައިގެންފައެވެ. އަދި އެއާޕޯޓް ހުޅުވާނެ ތާރީޚެއް ދެއްވުމަށް ރައްޔިތުން އެދިވަޑައިގަތެވެ. ރައްޔިތުންގެ މި ހުށައެޅުމަށް ޖަވާބުދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މުޅި އެއަޕޯޓްގެ މަޝްރޫޢު އެގްރިމަންޓާއި އެއްގޮތަށް ގިނަވަގެން ބާރަ މަސްދުވަހުގެ ތެރޭގައި ނިންމާނެކަމަށެވެ.
މަގޫދޫގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އެހެން މަޝްރޫޢުތަކުގެ ތެރޭގައި ސްކޫލްގެ މަލްޓިޕާޕަސްހޯލާއި ޞިއްޙީ މަރުކަޒުގެ މަސައްކަތުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެކަމުގެ ޔަޤީންކަންވެސް ރައީސް މިއަދު ރައްޔިތުންނަށް ދެއްވިއެވެ. މީގެ އިތުރުން ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފ. މަގޫދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އޭ.ޓީ.އެމްގެ ޚިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މީގެ އިތުރުން މަގޫދޫގައި ތަތައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި މަގޫދޫ ކައުންސިލް އިދާރާ އަދި އެރަށު ޕޮލިސް ޕޯސްޓްގެ ބިންގާ މިއަދުވަނީ އަޅުއްވާފައެވެ.




