ޅ. ނައިފަރުގެ ގެއަކަށް ޖެހިޖެހިގެން ދެ ރޭ ވަދެ، ރިހާކުރު ޓައްޕެއް ވަގަށް ނެގި މައްސަލައެއްގައި ގދ. ވާދޫގެ މީހަކު ޖަލަށްލާން ވާދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
އެ ހުކުމްގައި ބުނެފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 21 އާއި 22 ވަނަ ދުވަހުގެ ދަންވަރު 2:45 ހާއިރު އެ މީހާ ނައިފަރުގެ ގެއަކަށް ވަގަށް ވަދެ، އެ ގޭގެ ބަދިގެ ތެރޭގައި ހުރި ރިހާކުރު ޓައްޕެއް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.
އެހެންކަމުން އެ ދެ ރޭ ވައްކަން ކުރަން ވަނުމުން، އެ ކުށުގެ ދެ ދައުވާ އާއި އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދެ ދައުވާ އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވެއެވެ.
އެ މީހާ ވަގަށް ނެގި ރިހާކުރުގެ އަގު 4،500 ރުފިޔާއަށް އަރާނެ ކަމަށް އެ ގޭގެ ވެރިފަރާތުން ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވެއެވެ.
ދައުވާ އަށް ޖަވާބުދާރީވަމުން އޭނާ ވަނީ އެ ކުށްތަކަށް އިއުތިރާފުވެފައެވެ. ވައްކަން ކުރި މީހާ މިހާރު ދިރިއުޅެމުން އަންނަނީ ވާދޫގައި ކަމަށްވެފައި އޭނާ ހުރި ރަށުގެ ކޯޓަށް ހުށަހަޅައިގެން އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭތީ ދައުލަތުގެ ފަރާތުން އެ މައްސަލަ ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީއެވެ.



