ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 40 ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މ.މުލީ ރައްޔިތުންނާ ރޭގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ހަތް އާރބަން ސެންޓަރުގެ ތެރެއިން މިހާރު ޑޮލަރު އޭޓީއެމް ނެތް ސަރަހައްދާއި، ޑޮލަރު އޭޓީއެމް ނެތް ސިޓީތަކުގެ އިތުރަށް ރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތައް ތަރުތީބުން ހިމަނައިގެން، ޖުމްލަ 40 ރަށެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ބީއެމްއެލްއަށް މިހާރު އަންގަވާފައިވާ ކަމަށެވެ.
މި މަސައްކަތް އެ ބޭންކުން އަންނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ފުރިހަމަކޮށް ނިނިންމާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުން ތަންފީޒުކުރަން ނިންމާފައިވާ އެހެނިހެން ކަންކަމަށް އިޝާރާތްކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ ދުވަސްކަމަށްވާ، މިއަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެ ބޭންކުގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ފައިސާދެއްކޭ އަދަދު އެއްހާސް ޑޮލަރަށް އިތުރުކުރަން ނިންމާފައިވާކަމަށެވެ. މީގެ އިތުން އެއާލައިންތަކުން ޓިކެޓްގަތުމާއި، ރާއްޖެއިން ބޭރުން ހޮޓާތަކަށް ފައިސާދެއްކޭ އަދަދު ތިންހާސް ޑޮލަރަށް އިތުރުކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާފަރާތްކަށް، ބޭންކުގައި އެދުމުން އެ ފައިސާ ހޮސްޕިޓަލްތަކަށް ޑެބިޓްކާޑް މެދުވެރިކޮށް، ދެއްކޭނެ އިންތިޒާމް ހަޖެހިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޗައިނާ ފައިސާ، ޔޫއާން އިން އެކައުންޓް ހުޅުވޭނެ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ހަމަޖެއްސިކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޗައިނާގެ ފައިސާގެ އެކައުންޓްތަކަށް ޚާއްޞަ، އަދި 180 އަށް ވުރެ ގިނަ ޤައުމުގައި ބޭނުންކުރެވޭ ކާޑެއްކަމަށްވާ، ޔޫނިއަން ޕޭ ގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފުކުރެވިގެންދާނެ ކަންވެސް އިއުލާންކުރައްވާފައެވެ.
މިކަންކަމުގެ ސަބަބުން އަގުބޮޑުކޮށް ޑޮލަރުގަތުމުގެ މައްސަލައަށް ހައްލުލިބި، ރާއްޖޭގެ އިޤްތިޞާދަށް އެކަމުގެ ހެޔޮ ނަތީޖާ ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.



