ކަފިހިހުރަސްމަތިން މަގުހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖެހި އެކްސިޑެންޓުވުމުން ވެސް، ކާރު މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު ކަމަށެވެ.
ހުޅުމާލެ ފޭސް 2 ހިތިގަސްމަގު، އެމްއޭސީއެލް ޓަވަރު ކައިރިން މަގު ހުރަސްކުރި 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ކާރުންޖެހި އެ މީހާ ވެއްޓުމުން ކާރު ވަނީ މަޑުނުކޮށް އެ ސަރަހައްދުން ގޮސްފައެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ އެއްފައިގެ ކަށިމަތި ވަނީ ބިންދައިގެން ގޮސްފައެވެ. އެ މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.
މި މައްސަލައާ ގުޅިގެން، ސީސީޓީވީ ފުޓޭޖު ބަލައި އެ ކާރު ހޯދައި ކާރު ދުއްވި މީހާ، ޏ. ފުވައްމުލައް، ދަޑިމަގު ނައިސް / ޚާލިދު ޢަބްދުﷲ ޢަލީ (57އ) ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ކޯޓު އަމުރެއްގެދަށުންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.




