ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަތުމަށް އެކި ގައުމުތަކުން ދާދި ފަހުން ނިންމި ނިންމުންތަކަށް ހިޒްބުﷲ އިން މަރުހަބާ ކިޔައިފި އެވެ.
ލުބްނާނުގެ އަރަބި އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ޔުނިޓުން އިއްޔެ ނެރުނު ބަޔާނެއްގައި ހިޒްބުﷲ އިން ބުނީ މިއީ ފަލަސްތީނުގެ ޖިހާދުގެ އަގީދާގެ އަގު މުޅި ދުނިޔެ ބަލައިގަންނަ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ.
އެ ޖަމާއަތުން ވަނީ އިސްރާއީލުން ޣައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ދެ އަހަރަށް ވުރެ ދިގު ދެމިގެން ގޮސްފައިވާކަން ފާހަގަކޮށްފައެވެ.
އެގޮތުން އެކަމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.
ހިޒްބުﷲ އިން ނެރުނު ބަޔާނުގައި ވަނީ ބައިނަލްއަގްވާމީ މުޖުތަމައު އާއި ނުފޫޒުގަދަ ހުރިހާ ފަރާތްތަކެއްގެ ޒިންމާ އުފުލައި، ޣައްޒާގެ ދެ މިލިއަނަށް ވުރެ ގިނަ މީހުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޖަރީމާތައް ހުއްޓުވުމަށް އިތުރު ފައިދާހުރި ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.
މީގެ އިތުރުން އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިިންގަމުން އަންނަ ބަނޑުހައިހޫނުކަމާއި ގެދޮރު ސުންނާފަތިކޮށް އެ ރައްޔިތުން ގެދޮރުން ނެރެ ބޭރުކުރުން ނާކާމިޔާބު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ހިޒްބުﷲ އިން ވަނީ ގޮވާލާފައެވެ.



