މަސްތުވާތަކެތި ފެނިގެން ދައުލަތުގެ މީޑިއާގެ މަޝްހޫރު ޕްރެޒެންޓަރު އިނާޔަތު އަލީއާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މި ތިން މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މާލެއިން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުގައި މި ތިން މީހުން ވެސް ހައްޔަރު ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމްކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ތަފްސީލު:
° ހދ. ކުޅުދުއްފުށި، މަރިޔާޒް / އިނާޔަތު އަލީ (34އ.)
° މާލެ، މއ. މަޒާގެ / އާމިނަތު އިލްޔީން އަހްމަދު (25އ.)
° މާލެ، މއ. މަޒާގެ / މުޙައްމަދު އައިޝް އަހްމަދު (31އ.)
އިނާޔަތުގެ އިތުރުން މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ދެމީހުންނަކީ ދެބެއިންނެވެ.
މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އައިޝް އަޙްމަދު 10 ދުވަހަށް އަދި އާމިނަތު އިލްޔީން އަޙްމަދާއި އިނާޔަތު ޢަލީ ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.



