ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމަށް ވާގިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުންދަނީ، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާކަމަށް ދަޢުވާކުރާ އަދި އެނިޒާމު ޤާއިމުކުރި ޤައުމުތަކުންކަމަށް ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޚަލީލް މިހެން ވިދާޅުވީ، އދ.ގެ 80 ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމު ނުފެންނަކަމަށް ހަދައިގެން ބޮޑެތި ޤައުމުތަކުން އެކަމަށް ވާގިވެރިވެގެން ތިބި ތިބުމަކީ ޤަރުނުގެ އެންމެ ބޮޑު ލަދު ކަމަށެވެ.
އެ މަޖިލީހުގައި މިނިސްޓަރ ޚަލީލް ވަނީ، ފަލަސްތީނުގެ ރައްޔިތުންނާމެދު ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ގެންގުޅެމުންދާ ދެފުށްދެގޮތް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެގޮތުން ފޮރިން މިނިސްޓަރ ވިދާޅުވީ، ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމަށް ވާގިވެރިވެދީ، ހަތިޔާރާއި މާލީ އެހީތެރިކަން ފޯރުކޮށްދެމުންދަނީ، އިންސާނީ ޙައްގުތަކަށްޓަކައި އެންމެ ބޮޑަށް ވަކާލާތުކުރާކަމަށް ދަޢުވާކުރާ ޤައުމުތަކުން ކަމަށެވެ.
”ފަލަސްތީނުގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތަކަށް ވާގިދެނީ ބައިނަލްއަޤުވާމީ އިންސާފުގެ ނިޒާމު ބިނާކުރި ޤައުމުތަކުން. ޤަރުނުގެ އެންމެ ބޮޑު ލަދު، އެއީ ފަލަސްތީނުގައި ހިންގަމުންދާ ޤަތުލުޢާމު ނުފެނި ތިބި ތިބުން“ މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.




