ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް މެދުވެރިންގެ ފަރާތުން އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.
ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް މެދުވެރިންގެ ފަރާތުން އާ އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވާކަމަށް ހަމާސް އިން ކަށަވަރުކޮށްދީފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އެގޮތުން ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާގައި ހަމާސްގެ ލީޑަޝިޕަށް އިސްރާއީލުން ދިން ވައިގެ ހަމަލާއަށް ފަހު ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ހުއްޓިފައިވާ ކަމަށް އެ ޖަމާއަތުން ނެރުނު ބަޔާނުގައި ބުނެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ހަމަލާގައި ހަ މީހަކު ޝަހީދުވި ކަމަށް އެ ޖަމާއަތުން އޭރު ބުނެފައި ވެއެވެ.
އޭގެ ތެރޭގައި އެ ހަމަލާގައި ހަމާސް ޖަމާއަތުގެ މަޝްވަރާތަކުގައި އުޅުއްވާ ޚަލީލް އަލް ހައްޔާގެ އެހީތެރިއަކާއި ފިރިހެން ދަރިއަކު ހިމެނޭ ކަމަށް ހަމާސް އިން ބުނެފައި ވެއެވެ.
އަދި އެ ހަމަލާގައި ހަމާސްގެ ލީޑަރުން ސަލާމަތްވެފައި ވާއިރު ގަތަރުން ބުނި ގޮތުގައި އެ ގައުމުގެ ސެކިއުރިޓީ އޮފިސަރަކު ވެސް ވަނީ ޝަހީދުވެފައެވެ.
މީގެ އިތުރުން އެ ހަމަލާގައި ދެން ޝަހީދުވީ މީހުންގެ ތެރޭގައި ހިމެނެނީ ބޮޑީގާޑުންގެ ތިން މީހަކު ކަމަށްވެސް ހަމާސް އިން ބުނެއެވެ.



