ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުއްދަ ނުހޯދާ ހުޅުމާލޭގައޮ އިވެންޓުތައް ބާއްވަން ސްޓޯލް ވިއްކާތީ ސަމާލުވާން އެދިއްޖެއެވެ.
އެޗްޑީސީން މިއަދު ބުނީ ބައެއް ފަރާތްތަކުން އިވެންޓު ބޭއްވުމުގެ ނަމުގައި ސްޓޯލުތައް ވިއްކަމުންގެންދާކަން އެ ކޯޕަރޭޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންކަމުން އެއްވެސް ފަރާތެއް ހުޅުމާލޭގައި އިވެންޓެއްގެ ސްޓޯލު ގަތުމުގެ ކުރިން، އެ އިވެންޓެއް ރާވާ ފަރާތަކީ އެޗްޑީސީން ދޫކުރާ ހުއްދަ އޮތް ފަރާތެއްކަން އެ ކޯޕަރޭޝަނުގެ ޕާމިޓް އެެންޑް ސާވިސަސް ސެކްޝަނާ ގުޅޭ ނަމްބަރު 3356112 އަށް ގުޅައި ޔަގީންކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
ހަމައެހެންމެ މި އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހު އެ ކޯޕަރޭޝަނުން އާންމުކޮށްފައިވާ ހުޅުމާލެ ފެއާ/ނައިޓް މާކެޓު އަދި މަގުމަތީ ބާޒާރު ހިންގުމަށް ސަރަހައްދު ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާނެ ކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުގެ ހުއްދަ ނެގުމެއްނެތި އިވެންޓުތައް ހިންގުމުގެ ނަމުގައި ސްޓޯލުތައް ދޫކުރުމުންނާއި ސްޓޯލުތައް ގަތުމުގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށެވެ.



