ރޭ ފަތިހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވީ މީހުންގެ އަދަދު 23 އަށް އަރައިފި އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިސްރާއީލު ސިފައިން ޣައްޒާގައި ހޯމަ ދުވަހުގެ ފަތިހުން ފެށިގެން ފަލަސްތީނުގެ 23 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ.
އޭގެ ތެރޭގައި ޣައްޒާ ސިޓީގައި 21 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް މެޑިކަލް މަސްދަރުތަކާ ހަވާލާދީ އެ ސަރަހައްދުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މިއާއެކު ނަސްލު ނައްތާލުމުގެ އެ ހަނގުރާމަ ފެށިފަހުން ފަލަސްތީނުން 66،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަމައެހެންމެ، ރޭ ފަތިހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި 184 މީހަކު ވަނީ ޒަޚަމްވެފައެވެ.
މީގެ އިތުރުން 2025 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހު ޣައްޒާއަށް ހަމަލާތައް އަލުން ފެށިފަހުން 13،187 މީހުން ޝަހީދުވެ، 56،305 މީހުން ޒަޚަމްވެފައިވާ ކަމަށް އެ މިނިސްޓްރީން އިތުރަށް ބުނެފައިވެއެވެ.



