އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ހިސާރުކޮށްފައި އޮންނަ އޮތުން ދުނިޔޭގެ ސަމާލުކަމަށް ގެނެސް އެހީ ފޯރުކޮށްދިނުމުގެ ރަމްޒެއްގެ ގޮތުގައި ޣައްޒާއަށް ދަތުރުކުރަމުންދާ ”ގްލޯބަލް ސުމޫދް ފްލޮޓީލާ“ އަށް ޔަހޫދީ އިޒްރޭލު ސިފައިން ހުރަސްއަޅައި ބައެއް ބޯޓުތައް ހިފެހެއްޓިޔަސް އެހެން ބައެއް ބޯޓުތައް އަދިވެސް ނުހުއްޓި ދަތުރުކުރަމުންދާ ކަމަށް ބުނެފިއެވެ.
ގާތްގަނޑަކަށް 45 އުޅަނދު ހިމެނޭ ފްލޮޓީލާގެ ދަތުރުގައި އެކި ގައުމުތަކުގެ ސިޔާސީ މީހުންނާއި ގާނޫނީ ވަކީލުންނާއި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ އެކްޓިވިސްޓުންގެ 500 ވަރަކަށް މީހުން ހިމެނެއެވެ.
އޭގެތެރޭގައި ހިމެނޭ ސްވިޑަންގެ ތިމާވެށީގެ އެކްޓިވިސްޓު ގްރެޓާ ތަންބާގް ދަތުރުކުރި ބޯޓު ހުއްޓުވައި އޭނާ ހައްޔަރުކޮށް އިޒްރޭލު ސިފައިންގެ ބެލުމުގެ ދަށަށް ރޭގެ ދަންވަރު ވަނީ ގެންގޮސްފައެވެ. މިފަދަ ދަތުރެއްގައި ކުރިންވެސް ބައިވެރިވުމުން އިޒްރޭލު ސިފައިން ވަނީ އޭނާ ހައްޔަރުކޮށް ޑީޕޯޓު ކޮށްލާފައެވެ.
އިޒްރޭލުން އުޅަނދުތަކަށް ހުރަސްއަޅައި ބައެއް އުޅަނދުތަކަށް އަރައި މީހުން ހައްޔަރުކޮށްފައި ވަނީ ”އިޒްރޭލުން ބަންދުކޮށްފައިވާ“ ސަރަހައްދަށް ވަނުމުން ކަމަށް ބުނެއެވެ.
ނަމަވެސް ފްލޮޓީލާގެ މެންބަރުން ބުނަމުންދަނީ އިޒްރޭލުން ޣައްޒާ އާއި ޣައްޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށާއި އެހެންވެ އެ މީހުންގެ އުޅަނދުތަކަށް ހުރަސްއަޅައި މީހުން ހައްޔަރުކުރުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ.




