ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ގުޅިގެން، ތިމާވެއްޓަށް ހޭލުންތެރިކުރުމުގެ މަންސައެއް ބާއްވަން ނިންމައިފިއެވެ.
މިއީ، މާދަމާ ފާހަގަކުރާ ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމަށް އެ ދުވަހުގެ ހެނދުނު އެޗްޑީސީން ކުރިއަށްގެންދާ ”ކޯސްޓަލް ކްލީނަޕް“ ހަރަކާތާއެކު، ތިމާވެއްޓަށް މީހުން ހޭލުންތެރިކުރުމަށް މާދަން ރޭ ބާއްވާ ޕެނަލް ޑިސްކަޝަންއެއް ކަމުގައި އެޗްޑީސީން ބުންޏެވެ.
ކޯސްޓަލް ކްލީނަޕްއާއި މަންސަ ޕްރޮގުރާމުގެ މަގްސަދަކީ، ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން، ހުޅުމާލޭގެ މޫދު ސާފުކޮށް ބޭއްވުމެވެ.
އެގޮތުން، ކޯސްޓަލް ކްލީނަޕް ހަރަކާތް ފަށާނީ މާދަމާ ހެނދުނު 7:00 ގައި، ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދުންނެވެ. އެ ހަރަކާތުގެ ތެރެއިން ހުޅުމާލޭގެ ގޮނޑުދޮށާއި، ހޭޅިފަށް، އަދި މޫދު ސާފުކުރުމުގެ އިތުރުން ހުޅުމާލޭގެ ދެ ފޭސް ގުޅޭ ޗެނަލް ސަރަހައްދުގައި މުރަކަ އިންދުންވެސް ކުރިއަށްދާނެއެވެ.

ކޯސްޓަލް ކްލީނަޕް ހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެއެވެ. އެގޮތުން، ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްތަކާއި ރިސޯޓުތައްވެސް ސާފުކުރުން މާދަމާ ކުރިއަށްދާނެއެވެ.
ހުޅުމާލެ ސާފުކުރުމުގެ ހަރަކާތަށްފަހު، ތިމާވެއްޓަށް މީހުން ހޭލުންތެރި ކުރުމަށް ކަމާގުޅޭ މާހިރުންނާއެކު ކުރިއަށްގެންދާ މަންސަ، ޕެނަލް ޑިސްކަޝަން އެ ދުވަހުގެ ރޭގަނޑު 08:45 ގައި އޮންނާނެއެވެ. މި ހަރަކާތުގައި އެކިއެކި އެންޖީއޯތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވެއެވެ.



