ކުރީ ސަރުކާރުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ތެރެއިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް ތަހުގީގުކުރަން އިދާރާތަކަށް ހުށަހަޅަން ފަށައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސް ބަޔާނުގައި އެޗްޑީސީން ބުނީ 2019 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އެ ކޯޕަރޭޝަންގެ މިލްކިއްޔާތުގައިވާ ބިމާއި، މުދަލާއި ހިދުމަތުން، 200 މިލިއަނެއްހާ ރުފިޔާގެ ހިޔާނާތް ބައެއް ފަރާތްތަކުން ވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
އެހެންކަމުން އެކަންކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ތަހުގީގީ އިދާރާތަކަށް ހުށަހަޅަމުންދާ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
“މި ހިޔާނާތުގެ ތެރޭގައި މި ކޯޕަރޭޝަންގެ މުދަލުން ވައްކަންކުރުމާއި، ކޯޕަރޭޝަންގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި، ކޯޕަރޭޝަނަށް ގެއްލުންވާގޮތަށް ކޯޕަރޭޝަންގެ ބިންތައް ކުއްޔަށް ދިނުން ފަދަ މުއާމަލާތްތައް ހިމެނޭ“ އެޗްޑީސީން ބުނެފައި ވެއެވެ.
އޭގެ އިތުރުން އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އިޖުރާއަތްތަކާއި އުސޫލުތަކުގެ ބޭރުން ބިން ވިއްކާފައި ހުރިކަން ވެސް ސަމާލުކަމަށް އައިސްފައިވާ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ އެކަންކަން ތަހުގީގުކޮށް ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ތަހުގިގީ އިދާރާތަކަށް އެ ކޯޕަރޭޝަންގެ ފަރާތުން ފުރިހަމަ އެއްބާރުލުންދޭނެ ކަމަށެވެ.
ކުރީ ސަރުކާރުން އެޗްޑީސީގެ ތެރެއިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިވެފައި ވާއިރު ކުރީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ދާދިފަހުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ވެސް ވަނީ ފާހަގަކޮށްފައެވެ.



