ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން އިޒްރޭލުގެ ހުރިހާ އަސީރުން މިނިވަންކުރުމާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހުށަހެޅުމުގައިވާ ކަންކަމަށް މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.
ޣައްޒާގެ ހަމަލާތައް ދާއިމީ ގޮތެއްގައި ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން ޓްރަމްޕު ހުށަހެޅި ޕްލޭނަށް ޖަވާބު ދިނުމަށް ހަމާސް އިން ނެރުނު ބަޔާނުގައި ބުނީ އިޒްރޭލުގެ އަސީރުންގެ ތެރެއިން ދުނިޔޭގައި ތިބި މީހުންގެ އިތުރުން މަރުވެފައިވާ މީހުންގެ ހަށިތައް ވެސް ހަވާލުކުރާނެ ކަމަށެވެ.
މީގެއިތުރުން، މި އެއްބަސްވުމުގެ ތަފްސީލަށް ގޮސް މީޑިއޭޓަރުން މެދުވެރިކޮށް މަޝްވަރާތައް ވަގުތުން ފަށަން ތައްޔާރަށް އޮތްކަން މި ހަރަކާތުން ޔަގީންކޮށްދޭ ކަމަށް ވެސް ހަމާސްގެ ބަޔާނުގައިވެއެވެ.
ޣައްޒާގެ ވެރިކަމުން ހަމާސް ދުރުވެ ފަލަސްތީނުގެ ސަރުކާރާ ހަވާލުކުރުމަށް ޓްރަމްޕުގެ ހުށަހެޅުމުގައި ހިމެނޭއިރު ހަމާސް އިން ބުނީ އަދި ފަލަސްތީނު ރައްޔިތުން ބޭނުންވާ ގޮތަކަށް، އަރަބި އިސްލާމީ ޖަމާއަތްތަކުގެ އެއްބާރުލުމާ އެކު ފަލަސްތީނުގެ ތަޖުރިބާކާރުންގެ ބަޔަކާ ޣައްޒާގެ ވެރިކަން ހަވާލުކުރަން ވެސް އެއްބަސްވާ ކަމަށެވެ.



