އާރްޑީސީއާ ހަވާލުކޮށްގެން އދ. ދިގުރަށުގައި ޤާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.
ދިގުރަށު ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިގުރަށަށް ވަޑައިގަތުމުން އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ދިގުރަށު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، ހޯމް މިިނިސްޓަރު ޢަލީ އިޙްސާނެވެ.
އަރިހުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ދަނގެތި ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރަޝީދު، އާއި އާރްޑީސީގެމެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އަދި ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން ވެސް ބައިވެރިވެވަޑައިގަތެވެ.
ނޮވެމްބަރު 17، 2023 ވަނަ އަހަރު ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، ފުލުހުންގެ ހިދުމަތް ގާއިމްނުކުރެވި 72 ރަށެއް އޮތެވެ. މި ރަށްތަކުގައި ފުލުހުންގެ މަރުކަޒު ނުވަތަ ޕޯސްޓެއް ވެސް ނެތްކަން ފާހަގަކުރެވެއެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ ފުލުހުންގެ ޚިދުމަތް ނެތް ރަށްރަށުގައި އެ ޚިދުމަތް ގާއިމުކުރުމަށް އިސްކަންދީ، އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވާފައެވެ.



