އދ. ދިގުރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އދ. އަތޮޅަށް މިހާރުކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ދިގުރަށުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އާރްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން އދ. ދިގުރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެ ކޯޕަރޭޝަނާއެކު މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ.
އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.




