އދ. ކުނބުރުދޫ ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅުގެ ރަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގައި މިއަދު ކުނބުރުދޫއަށް ވަޑައިގެން ޝަރަފުވެރި ކޮށްދެއްވި އެ ރަސްމިއްޔާތުގައި އެ މަޝްރޫއު ފައްޓަވާދެއްވީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
މުޅިއަކު 630 މީހުންގެ އާބާދީއެއް އޮންނަ ކުނބުރުދޫ ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ނިމުމާއެކު، އެރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ސިއްހީ ފަރުވާ ހޯދޭނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މި މަޝްރޫއުގެ ދަށުން އަލަށް އިތުރުކުރެވޭ އިމާރާތާއެކު ގަރާޖަކާއި ވަށާފާރެއް ރޭނުމުގެ މަސައްކަތް ހިމެނޭ ކަމުގައި އެމްޓީސީސީން ބުނެފައިވެއެވެ.
މިއީ 8.17 މިލިއަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.




