މ. މުލަކުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން އެރަށު ރައްޔިތުންގެ ޝުއޫރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހިއްސާކޮށްފިއެވެ.
މުލަކު ސިއްހީ މަރުކަޒު އިތުރަށް ތަރައްގީ ކުރުމަށްޓަކައި އެތަން ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ އަމަލީ މަސައްކަތް އާރްޑީސީން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 22ވަނަ ދުވަހުގައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް އެއިރު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަޝްރޫއުއާ ބެހޭގޮތުން މުލަކުގެ ބައެއް ރައްޔިތުން ދެކެނީ، މިއީ އެރަށު ރައްޔިތުންނަށް ނުހަނު ބޭނުންޖެހިފައިވާ ތަރައްގީއެއް ކަމަށެވެ.
މުލަކަކީ މ. އަތޮޅުގެ އެހެން ރައްތަކަށް ބަލާއިރު ބިންބޮޑު އަދި އާބާދީވެސް ބޮޑު ރަށެއްކަން ރައްޔިތުންވަނީ ފާހަގަ ކޮށްފައެވެ. އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިއްހީ ނިޒާމުގެ ދަތިކަން ކަމަށް ވެސް ރައްޔިތުން ވަނީ ބުނެފައެވެ.
”ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުވެޔޭ އެބަ މިއީ މީގެ 4 ވަރަކަށް 5 ވަރަކަށް އަހަރު ކުރިންވެސް އަޅުގަނޑުމެންނަށް އިވެމުންދިޔަ އަޑެއް. އެހެންވީމަ އެ އުންމީދު ވަރަށް ބޮޑުވެގެންދިޔަ، ކޮންއިރަކުންބާއޭ ހޮސްޕިޓަލެއް އެޅޭނީ. އަަޅުގަނޑުމެންނަށް އެކްސްރޭ އެއް ނަގަން ވިޔަސް ދާން މިޖެހެނީ މާލެ.“
”30 ނުވަތަ 40 އަހަރުވެއްޖެ މުލަކުގެ ސިއްހީ ނިޒާމު ފުނޑު ފުނޑުވެފައި އޮންނަތާ“ މުލަކުގެ ދެ ރައްޔިތަކު ބުންޏެވެ.
މިހާރު މި މަސައްކަތް ކުރިއަށްދާތަން ފެންނަ ކަމަށާއި އެހެންކަމުން ވައުދާ އެއްގޮތަށް މިސަރުކާރުން މުލަކު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްޖަތް ކުރިއަށްގެންދާކަން ރައްޔިތުންނަށް އެނގޭ ކަމަށް ވެސް އެރަށުގެ ރައްޔިތުން ބުނެފައިވެއެވެ.



