ނ. މަގޫދޫ ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ އެންމެފަހުގެ އަދާހަމަ މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ނ. މަގޫދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ފެން ތާނގި ބެހެއްޓުމަށް ފައުންޑޭޝަން އެޅުމަށްޓަކައި ބިންގަނޑު ކޮނެ، އެއްވަރު ކުރުމުގެ މަސައްކަތް ކަމަށެވެ.
ނ. މަގޫދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި ވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލު ކުރައްވާފައެވެ.
އަދި މި މަޝްރޫއުއަށް ބޭނުންވާ ތަކެތި ހޯދައި، އެ މަސައްކަތް ބާރަށް ކުރިއަށްދާނެ ކަމަށް އެދުވަހު ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.




