ވ. ފުލިދޫއަށް 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރު ސެޓެއް ގެންގޮސް، ކޮމިޝަންކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ މިއީ އެ ކުންފުނިން ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.
އެގޮތުން ސްޓެލްކޯއިން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޕީކް ސީޒަނަށް ތައްޔާރުވުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވ.ފުލިދޫއަށް 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރު ސެޓެއް ގެންދެވި ކޮމިޝަންކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މިއާއިއެކު ފުލިދޫގެ ޖެނެރޭޝަން ކެޕޭސިޓީ 940 ކިލޯވޮޓްއިން 1340 ކިލޯވޮޓަށް އިތުރުކުރެވި، އެ ރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރެވުމާއެކު، ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމުގައި ވެސް ސްޓެލްކޯއިން ބުންޏެވެ.



