ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މި ނިމިދިޔަ ހަފްތާގައި ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކޮށްފިއެވެ.
އެކަން އާރްޑީސީން ވަނީ މިއަދު އާންމުކުރި އެ ކޯޕަރޭޝަންގެ އާދަހަމައިން ހާމަކޮށްފައެވެ.
އެގޮތުން ނިމިދިޔަ ހަފްތާގައި އާރްޑީސީން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، އެ އަތޮޅު މާމިގިލީގައި އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހެއް އިމާރާތްކުރުމަށް ހަވާލުވެ، އެއްބަސްވުމުގައި އެ ޔުނިވަރސިޓީއާއެކު ސޮއިކޮށްފައެވެ.
މީގެއިތުރުން އާރްޑީސީއާ ހަވާލުކޮށްގެން ތަރައްގީކުރި އދ. ކުނބުރުދޫ ފުޓުބޯޅަ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ވެސް މިދިޔަ ހަފްތާގައި ރައީސްގެ އެ ދަތުރުފުޅުގެ ތެރެއިން ވަނީ ބާއްވާފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް މުޢިއްޒު އެވެ.
އާރްޑީސީއާ ހަވާލުކޮށްގެން އދ. ކުނބުރުދޫަގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ވެސް މިދިޔަ ހަފްތާގައި ވަނީ ފަށާފައެވެ.
އޭގެއިތުރުން އދ. މާމިގިލީ ހޮސްޕިޓަލު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ވެސް އާރްޑީސީން ވަނީ ފަށާފައެވެ.



