ސައުދީ އަރަބިއާގައި މިސްކިތްތަކާއި ސްކޫލްތަކުގެ 500 މީޓަރު ކައިރީގައި ދުންފަތް ވިއްކުން މަނާކޮށްފިއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ކޮންޓްރޯލު ކުރުމަށް ސައުދީން ވަނީ ގިނަ ފިޔްވަޅުތަކެއް އަޅަން ނިންމާފައެވެ.
އޭގެތެރޭގައި ކުޑަކުދިންނަށް ދުންފަތް ވިއްކުން މަނާ ކުރުމާއި، ދުންފަތް އިޝްތިހާރު ކުރުމުގެ އިތުރުން ހުއްދަ ނޫން ގޮތަށް ބަންދުކޮށްފައިވާ ސިނގިރޭޓު ވިއްކުން ވެސް ހިމެނެއެވެ.
މި ހަރުކަށި ފިޔަވަޅުތަކުގެ އިތުރުން ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް މުނިސިޕަލްޓީސް އެންޑް ހައުސިންގް އިން ވަނީ، ދުންފަތް އިސްތިއުމާލު ކުރުމުން އެ ޤައުމު ރައްކާތެރިކުރުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، މިސްކިތްތަކާއި ސްކޫލްތަކުގެ 500 މީޓަރު ކައިރީގައި ދުންފަތް ވިއްކުން މަނާކޮށްފައެވެ.
މީފެއިތުރުން ސައުދީގައި މިހާރު ސިނގިރޭޓާއި، ޝީޝާ އަދި އީ-ސިނގިރޭޓު ވިއްކާ ފަރާތްތަކުން ވެސް އެ މިނިސްޓްރީން ޚާއްސަ ލައިސަންސެއް ނަގަން ވާނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި މި ތަކެތި ވިއްކާ ތަންތަނުގެ އެތެރޭގައާއި ބޭރުގައި ސީސީޓީވީ ކެމެރާވެސް ހަރުކޮށްފައި ހުންނަން ޖެހޭނެ ކަމަށް އަލަށް ހެދި ގަވާއިދުގައި ބުނެފައިވެއެވެ.




