އެހެން ފަރާތަކަށް ފްލެޓުތައް ކުއްޔަށް ދީފައިވާނަމަ، އެއްބަސްވުމުގައިވާ ފަދައިން ފިޔަވަޅު އަޅާނެކަމަށް ހައުސިންގް ޑިވެލޮޕްމެންޓް (އެޗްޑީސީ) އިން ބުނެފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން ސޯޝަލް ހައުސިންގް ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް ލިބުނު ބައެއް ފަރާތްތަކުން އެ ފްލެޓުތައް ކުއްޔަށް ދޭން މަސައްކަތް ކުރަމުން އަންނަކަން ދާދި ފަހުން ވަނީ ހާމަ ވެފައެވެ.
އެކަމާ ގުޅިގެން އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ސޯޝަލް ހައުސިންގ ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަންނެތް ފަރާތްތަކަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމަކަށް ވާތީ، މި ފްލެޓްތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީ އާއި ސޯޝަލް ހައުސިންގ ފްލެޓް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ.
އެހެންކަމުން، ސޯޝަލް ހައުސިންގ ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ އެ ކޯޕަރޭޝަނުން ބަލަމުން ގެންދާނެ ކަމަށާއި، އެއްބަސްވުމާ ހިލާފަށް އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީފައިވާނަމަ، އެފަރާތްތަކާމެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ސޯޝަލް ހައުސިންގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް އެއްބަސްވުމާ ހިލާފަށް އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމަކަށް ނުވާތީ، އެ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ މުއްތަލިބު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒް ކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަނެވެ. އަދި އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފްލެޓު ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރަން ފެށިތާ ދަ ހަފްތާ ވެފައިވާއިރު، މިހާރު ވެސް ބައެއް ފަރާތްތަކުން ވަނީ އެ ފްލެޓުތައް ކުއްޔަށް ދޭން އައިބޭ ގައާއި ސޯޝަލް މީޑިއާގެ އެހެން މަންސަތަކުގައި ޖަހާފައެވެ.
އެގޮތުން ތިން ކޮޓަރީގެ އެޕާޓްމަންޓެއް މަހަކު 25،000 ރުފިޔާއަށް ކުއްޔަށް ދޭންވެސް ވަނީ ޖަހާފައެވެ. ސަރުކާރުން އެ ފްލެޓުތަކުން ދައްކަން ޖެހޭ ކުލި ކަމުގައި ކަނޑައަޅާފައިވަނީ މަހަކު 15،000 ރުފިޔާއެވެ.



