ށ. ފޭދޫގައި ސަރުކާރުން އިމާރާތްކުރަން ނިންމާފައިވާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ)ގެ ބިންގާއަޅައިފިއެވެ.
މިއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.
އެ ސެންޓަރުގެ ބިންގާ އަޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޭދޫއަށް ވަޑައިގަތުމުން އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްްގައެވެ.
ފޭދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވާދެއްވީ ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިޢުއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް އަދި އެރަށު ކައުންސިލުގެ ރައީސްއެވެ.
ފޭދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރަނީ އިންޑޯ ޖިމާއި އެރޮބިކްސް އާއި އެކި ކަހަލަ އިންޑޯ ގޭމްތަކާއި ބޯޑު ގޭމް ކުޅެވޭގޮތަށެވެ. އަދި ޓްރޭނިންތައް ހިންގުމަށް ކްލާސްރޫމާއި މީޓިން ރޫމްވެސް އެ ސެންޓަރުގައި ގާއިމުކުރާނެއެވެ.
ސަރުކާރުން ރާއްޖޭގެ އެކި ރަށްތަކުގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަންގެ މަސައްކަތްތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ. މިގޮތުން ގިނަ ރަށްތަކެއްގެ އެފްއާރުސީގެ މަސައްކަތް ފެނަކަ، އާރުޑީސީ، އެމްއޭސީއެލްއާ ވަނީ ހަވާލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކުޅިވަރު ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ވަޢުދުފުޅަކީ ދެ އަހަރުގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި، އައުޓްޑޯ ޖިމް ޤާއިމްކޮށްދެއްވުމެވެ.



