ވޯލްޑްކަޕަށް ކޮލިފައިވުމުގެ މެޗުން އިޓަލީއާ ދެކޮޅަށް ކުޅެ، 3-0 އިން އިޒްރޭލު ބަލިވެއްޖެއެވެ. މިއާއެކު އިޒްރޭލަށް މިވަނީ އެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައެވެ.
މި ގްރޫޕުން 1 ވަނަ ހޯދައި ވޯލްޑް ކަޕުން ސީދާ ޖާގައެއް ހޯދުމުގެ ފުރުސަތާއި، 2 ވަނަ އަށް ގޮސްގެން ޕްލޭއޮފުގައި ވާދަކުރުމުގެ ފުރުސަތު މިހާރު ލިބެން އޮތީ ހަމައެކަނި ނޯވޭ އާއި އިޓަލީ އަށެވެ.
އެގޮތުން ނޯވޭ 1 ވަނައިގައި އޮތީ 18 ޕޮއިންޓާ އެކުގައެވެ. އަދި އިޓަލީ 2 ވަނައިގައި އޮތީ 15 ޕޮއިންޓާ އެކު ގައެވެ.
މީގެއިތުރުން 9 ޕޮއިންޓް ހޯދާފައިވާ އިޒްރޭލާއި، 4 ޕޮއިންޓާ އެކު އޮތް އެސްޓޯނިއާ އަދި، އެއްމެ ޕޮއިންޓެއް ލިބިފައިވާ މޯލްޑޮވާއަށް ވޯލްޑް ކަޕުގައި ވާދަކުރުމުގެ ފުރުސަތެއް ނެތެވެ.
މިވަގުތު 1 ވަނައިގައި ގްރޫޕް ނިންމުމުގެ އަމިއްލަ ބާރު ވެސް ނޯވޭ އަށް އެބައޮތެވެ. އެ ޓީމަށް ދެން އޮތީ އެސްޓޯނިއާ އާއި، އިޓަލީއާ ދެކޮޅަށް ކުޅޭ މެޗެވެ.
އެންމެ ފަހުގެ ދެ ވޯލްޑް ކަޕުން ވެސް ފުރުސަތު ނުލިބުނު އިޓަލީއަށް ދެން އޮތީ މޯލްޑޮވާ މެޗާއި، ނޯވޭ މެޗެވެ. އިޓަލީއަށް 1 ވަނަ ލިބޭނީ އެ ދެ މެޗުން މޮޅުވެ، އަދި ނޯވޭ ކުޅެން ޖެހޭ ދެ މެޗުގެ ތެރެއިން މެޗަކުން ބަލިވެއްޖެނަމައެވެ.
ރޭގެ މެޗުގައި އިޓަލީން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލް ޖެހީ ސައުދީ އަރަބިއާގެ އަލް ގަދްސިއާ އަށް ކުޅެމުން އަންނަ މަޓެއޯ ރެޓެގޫއެވެ. ފުރަތަމަ ގޯލް އޭނާ ޖެހީ ޕެނަލްޓީއަކުންނެވެ. އިޓަލީގެ ތިން ވަނަ ގޯލު ޖެހީ، ކާޑު ހަމަވެގެން މި މެޗަށް ސަސްޕެންޑްވެފައި ހުރި އަލެސަންދްރޯ ބަސްޓޯނީގެ ބަދަލުގައި ޑިފެންސަށް ކުޅުނު ޖިއަންލޫކާ މަންޗިނީ އެވެ.
އިޓަލީގެ އުދިނޭގައި ރޭ ކުޅުނު މެޗުގެ ކުރިންނާއި، ސްޓޭޑިއަމުގެ ތެރޭގައި އިޓަލީގެ ސަޕޯޓަރުން ވަނީ އިޒްރޭލާ ދެކޮޅަށް އަޑުއުފުލައިފައެވެ. އަދި އިޒްރޭލުގެ ގައުމީ ސަލާމް ކިޔަމުންދިޔަ ވަގުތު އިޓަލީ ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށް ހަޅޭލަވައިފައެވެ. ސަޕޯޓަރުން ބުނަމުން ދިޔައީ ވޯލްޑްކަޕުގައި ހަމަހިލާ އިޒްރޭލަށް ޖާގަ ނުދޭނެ ކަމަށެވެ.
މީގެއިތުރުން ޣައްޒާގެ ރައްޔިތުންނާ ދޭތެރޭ އިޒްރޭލުން ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން އެ ގައުމު ފުޓްބޯޅައިން ސަސްޕެންޑްކުރަން ވެސް އިޓަލީގެ ކޯޗުން ވަނީ މި މެޗުގެ ކުރިން ގޮވާލައިފައެވެ.



