ގަވާއިދާ ޚިލާފަށް ”ވަގަށް“ އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ގެއްލުނު މައްސަލައިގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހަ މުވައްޒަފަކު ސަސްޕެންޑު ކޮށްފައިވާކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
އެމްޕީއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިފަހައްޓައި، އެ ކުންފުނީގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓޭނަރުގެ މުދާ ހުޅުމާލެ އިންނޭޝަނަލް ޓަރމިނަލް އިން ގެއްލުނުކަން 8 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ ރޭ ފާހަގަވި ވަގުތުން ފެށިގެން، އެމްޕީއެލްއިން އެތެރޭގެ ތަޙުޤީޤެއް ފަށާފައިވާ ކަމަށެވެ.
އެގޮތުން އެމްޕީއެލްގެ ތަޙުޤީޤުން މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ރިޢާޔަތްކޮށް، 12 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ ފަސް މުވައްޒަފަކު ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައި ކަމަށާއި އަދި އިތުރު މުވައްޒަފަކު މިއަދުން ފެށިގެން ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށް އެމްޕީއެލް އިން ބުންޏެވެ. އަދި ކުންފުނީގެ ހިންގުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމް.ޕީ.އެލްގެ ތަޙުޤީޤު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓަރނަލް އޮޑިޓްއިން މިހާރުވެސް ދަނީ މި މައްސަލައާ ގުޅޭ ތަޙުޤީޤު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަމުން ކަމުގައިވެސް ބުންޏެވެ.
މިއީ ވަރަށް ސީރިއަސް މައްސަލައަކަށްވާތީ، ތަޙުޤީޤު ކުރިއަށް ގެންދަނީ ފުލުހުންގެ ތަޙުޤީޤަށް ހުރަސްނޭޅޭ ގޮތަށް ކަމަށާއި މި މައްސަލައިގައި އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ފުލުހުންގެ ތަޙުޤީޤަށް އެ ކުންފުނިން ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ފުލުހުން ތަހުޤީޤަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ވެސް ދީފައިވެއެވެ.
މީގެއިތުރުން އެމްޕީއެލްއިން ބަލަހައްޓަމުންދާ ޕޯޓްތަކުގެ ސެކިއުރިޓީ ތަންފީޒުކުރަނީ އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައި.އެސް.ޕީ.އެސް) ކޯޑްގައި ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން ކަމަށާއި އަދި މި ޕޯޓަކީ ދާއިމީކޮށް އައި.އެސް.ޕީ.އެސް އޮޑިޓް ހެދި، އެ މިންގަނޑަށް ފެތޭ ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުންދާ ޕޯޓެއް ކަމުގައިވެސް ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ސެކިއުރިޓީ އާކިޓެކްޗަރ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ދަޢުލަތުގެ ސަލާމަތީ ބާރުތަކާއި ޤާނޫނު ތަންފީޒުކުރާ މުޢައްސަސާތަކާއި ވުޒާރާތަކާއި ގުޅިގެން ފަށާފައިވާކަން އެމްޕީއެލް އިން ފާހަގަކޮށްފައިވެއެވެ.
އެގޮތުން މިފަދަ ކަމެއް ތަކުރާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއެކު މަޝްވަރާތައް މިހާރު ވަނީ ފަށައިފައެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާ މުދާ، ބަނދަރުގައި ބެހެއްޓުމުގައި މިހާރު ޢަމަލުކުރަމުންދާ ޢުސޫލުތަކާއި ފިޔަވަޅުތައް ހަރުދަނާކުރުމަށް އެ މުޢައްސަސާއެކު މަސައްކަތް ކުރަމުންދާ ކަމަށާއި މި ބަދަލުތަކުގެ ތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ނިންމާފައިވަނީ ކަސްޓަމްސްގެ ބޭނުމަށް ހިފަހައްޓާ މުދާ ބެލެހެއްޓުމަށް ބަނދަރުގައި ވަކި ސަރަހައްދެއް ކަނޑަޅައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުން ކަމުގައިވެސް ބުނެފައިވެއެވެ.
މީގެ އިތުުރުން، އެމްޕީއެލްގެ ސެކިއުރިޓީ ނިޒާމް ހަރުދަނާކުރުމަށްޓަކައި، ކޯސްޓް ގާޑްގެ ޤާބިލު އަދި ތަޖުރިބާކާރު މެރިޓައިމް ކޮމާންޑަރުން ހިމެނޭ ޓީމެއް ކަނޑައަޅައި، މާލޭ ވިޔަފާރި ބަނދަރު އަދި ހުޅުމާލެ ޓަރމިނަލްގެ ސެކިއުރިޓީ އޮޑިޓެއް މިހާރު ވަނީ ފަށައިފައެވެ. އަދި، މާހައުލަށް އަންނަ ބަދަލުތަކާއި ހާލަތަށް ޕޯޓްގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށްޓަކައި، ސަލާމަތީ ބާރުތަކާއެކު އިސްތިރާޖީ މަސައްކަތްތަކެއް ފެށުމަށް ވެސް ރޭވިފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން އެމްޕީއެލްއިން މަޢުލޫމާތު އާންމު ނުކުރާތީ އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އެ ކުންފުނިން ބުނެފައިވަނީ، މި މައްސަލައަކީ ފުލުހުންވެސް ތަޙުޤީޤުކުރަމުންދާ މައްސަލައަކަށްވާތީ، މަޢުލޫމާތު އާންމުކުރަމުން ދަނީ ފުލުުހުންގެ ލަފަޔާއި މަޝްވަރާގެ މަތިން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް، ފުލުހުންގެ ތަޙުޤީޤަށް ހުރަސްނޭޅޭ ގޮތަށް މިކަމާއި ގުޅޭ މަޢުލޫމާތު މީޑިއާއާ ޚިއްސާކުރާނެ ކަމަށެވެ.
އަދި މިކަމުގައި ޝާމިލްވާ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް އެމްޕީއެލްއިން ފަސްނުޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.




