މިއަދަކީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް ތާރީހީ އަދި އުފާވެރި ދުވަހެކެވެ. އެކި ކަހަލަ ދަތިތަކާއޮ ގޮންޖެހުންތަކާއެކު ވެސް ރާއްޖެއަށް އުމްރާނީ ތަރައްގީ ގެނައުމުގައި ދެމިހުރި އާރްޑީސީއަށް މިއަދު މިވަނީ 6 އަހަރު ފުރިފައެވެ.
ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި، އެއްގަމު ދަތުރުފަތުރު ކުރެވޭނެފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި، ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށްފައި އޮތުމަކީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތަކަށްވާތީ، އެކަމަށް ޚާއްސަކޮށްފައިވާ ކުންފުންޏެއް ޤާއިމުކުރުމުމުގެ ގޮތުން ”ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް“ (އާރްޑީސީ) ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޤަރާރަކުން އުފައްދަވާފައިވަނީ 09 ޖޫން 2019 ގައެވެ.
އާރްޑީސީ އުފައްދާފައިވަނީ، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، ކުރު އަދި ދިގު ރާސްތާގައި، އެއްގަމު ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމާއި އެއްރަށާއި އަނެއް ރަށް ގުޅާލައި، ދާލަންތައް ތަރައްޤީކޮށް އެންމެ އެކަށީގެންވާ ފެންވަރެއްގައި މިފަދަ ތަންތަން ބެލެހެއްޓުމަކީ، އިޤްތިޞާދީ އަދި އުމްރާނީ ތަރައްގީއަށް މުހިއްމު ކަމެއްކަމަށްވާތީ އެ މަސައްކަތްތައް ކުރުމަށް، އެކަމުގެ ޤާބިލުކަން ތަރައްގީކުރެވޭފަދަ ކުންފުންޏެއް އުފެއްދެވެމުގެ ގޮތުންނެވެ.
އާރްޑީސީގެ ހަޔާތުން ފާއިތުވެދިޔަ އަހަރުތަކުގައި އެ ކޯޕަރޭޝަނުންވަނީ ތަފާތު އެކި މަރުހަލާތައް ކަޑަތުކޮށްފައެވެ. ގޮންޖެހުންތައް ގިނަ އެތަކެއް އޮޅިތަކެއް ގިރާކޮށްފައެވެ.
އެގޮތުން ފާއިތުވީ އަހަރުތަކުގައި، މާލީ ގޮތުން ދިމާވި ކަންކަމާއި އެނޫންވެސް ތަފާތު ސަބަބުތައް މެދުވެރިވެ އާރުޑީސީން ހިންގަމުންދިޔަ ބައެއް މަޝްރޫޢުތައް މަޑުޖެހުނެވެ. އެއާއެކު ދަރަނީގެ މިންވަރު އިތުރުވެ އަލަށް އެކުލަވާލެވުނު ބޯޑާއި ކޯޕަރޭޝަންގެ އައު މެނޭޖިންގ ޑިރެކްޓަރަށް އެ ހާލަތުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ވެސް މަޖުބޫރުވިއެވެ.

އެ ކުންފުންޏަށް މިހާރު 6 އަހަރު ފުރި 7 ވަނަ އަހަރަކާއި ކުރިމަތިލާއިރު، މާލޭއާ ރާއްޖޭގެ އެކި ރަށްރަށުގެ މަގު ހެދުމުގެ މަޝްރޫޢު ހިމެނޭހެން ޖުމްލަ 283 މަޝްރޫޢުއެއްގެ މަސައްކަތް ސަރުކާރުން ވަނީ ޙަވާލު ކޮށްފައެވެ.
އޭގެ ތެރެއިން ބައެއް މަޝްރޫޢުތައް ނިމިފައިވާއިރު މިހާރު ހިނގަމުންދާ އަދި ފެށުމަށް ތައްޔާރުވެފައިވާ މަޝްރޫޢުތައް ހިމެނެއެވެ.

ހަމައެއާއެކު ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ގިނަ ޕްރޮޖެކްޓުތަކެއްވަނީ ހިންގިފައެވެ. އާރްޑީސީގެ އެންމެ ބޮޑު ކާމިޔާބީއަކީ ގިނަ ދިވެހިންތަކަކަށް ވަޒީފާގެ ފުރުސަތުތައް ވެސް ތަނަވަސްވެގެން ދިޔުމެވެ.
އާރްޑީސީން 7 ވަނަ އަހަރަކާއި ކުރިމަތިލާއިރު އެ ކުންފުނީގެ އަމާޒަކީ އުމުރުން ކިތަންމެ ހަގު ކަމުގައި ވިޔަސް ރައްޔިތުން އިތުބާރުކުރާ، މަގްބޫލު ކުންފުންޏަކަށް އެ ކުންފުނި ހެދުމެވެ.



