ލ. އަތޮޅުގެ ދެ ރަށެއްގައި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އެ ރަށްރަށަށް ފޮނުވައިފިއެވެ.
އެމްޑަބްލިޔުއެސްސީން އެ ސާމާނު ފޮނުވާފައިވަނީ ލ. ގަމަށާއި ލ. ކުނަހަންދޫ އަށެވެ.
އެ ކުންފުނިން ”އެކްސް“ ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގަމު ތުނޑީގައި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫޢުއަށާއި ކުނަހަންދޫގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫޢުއަށް ބޭނުންކުރާ ސާމާނު، އެ މަސައްކަތް ކުރިއަށްގެންދާ ސައިޓަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
ރާއްޖޭގެ ދިގު ތާރީޚަށް ބަލާއިރު އާބާދީގެ ގޮތުން މަދުން މީހުން ދިރިއުޅޭ ރަށްރަށަކީ ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމުން މަޙްރޫމްވެފައިވާ ރަށްތަކެކެވެ. އަސާސީ މިޚިދުމަތް ނޫނަސް އެހެނިހެން ކަންކަމުންވެސް މިފަދަ ކުދި އާބާދީތައް އޮތީ ބާކީވެފައޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެހެންނަމަވެސް އާބާދީއަކަށް ނުބަލައި މިފަދަ އަސާސީ ޚިދުމަތްތައް ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިސަރުކާރުން ފަށާ ބައެއް ރަށްރަށަށް މިޚިދުމަތް މިހާރުވަނީ ފޯރުކޮށްދީފައެވެ.



