ލ. ހިތަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ލ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިތަދުއަށް ވަޑައިގަތުމުން އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫޢުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯ އާ އެވެ.
އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހިތަދޫ ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ.
ހެލްތު މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ސަބަބުން ހިތަދޫ ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުވެ، އިތުރު ޚިދުމަތްތައް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.



