ލ. ހުޅިމެންދޫގައި ހޮޓެލް ސްކޫލަކާއި ރިސޯޓެއް ތަރައްގީ ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިޔުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. މާމެންދޫ ރައްޔިތުންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ރަހީމާ އަބްދުﷲ ރަހީމެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ.
މާމެންދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ ހުޅިމެންދޫގައި ގާއިމުކުރާ ހޮޓެލް ސްކޫލަކީ، މުޅި ޤައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ހިންގޭ މުހިންމު މަޝްރޫޢެއްކަމަށެވެ. އަދި މިއީ ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަަމަށް ވެސް ރައީސް ވިދާޅުވިއެވެ.



