ލ. ފޮނަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ޢިމާރާތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
އެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި އެ އަތޮޅު ފޮނަދޫއަށް ވަޑައިގަތުމުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި،
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔަރޑް އަޙުމަދު ސަޢުދީ އާއި، ފޮނަދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 2368 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ކުރާނެ ކަމަށެވެ.
މި މަޝްރޫޢަކީ 6.50 މިލިއަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ފޮނަދޫއަކީ ލ. އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. 3127 މީހުންގެ އާބާދީއެއް ދިރިއުޅޭ ފޮނަދޫގައި ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމު ކުރެވުމާއެކު، ޤުދުރަތީ ގޮތުންނާއި އެނޫން ގޮތްގޮތުން ދިމާވާ ކާރިސާތަކާ ގުޅިގެން އަވަސްކަމާއި ފަސޭހަކަމާއެކު ހައްދުންމަތީ ރައްޔިތުންނާއި ފޮނަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެވޭނެއެވެ.


