ލ. ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ކުރިއަށްގެންދަނީ ސަރުކާރުގެ މައި ކޮންސްޓްރަކްޝަން ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ލ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ގަމަށް ވަޑައިގަތުމުން ގަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މި މަޝްރޫއުގެ ދަށުން ގަމު ގޮނޑުދޮށަށް 10,007 ކިއުބިކް މީޓަރުގެ ވެލި އެޅުމާއި، 30 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ޖުމުލަ 260 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 11.52 މިލިއަން ރުފިޔާއަށް 180 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި ގަމު ކައުންސިލު މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.


