ކ. ހުރާގައި ފުޑް ސެކިއުރިޓީއަށް ވަކި ސަރަހައްދެއް ހާއްސަ ކުރަން މަޝްވަރާކޮށްފިއެވެ.
ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ބުނީ ކ. ހުރާގެ ވަކި ސަރަހައްދެއް ފުޑް ސެކިއުރިޓީއަށް ޚާއްސަ ކުރުމާއި ގުޅޭގޮތުން އެ ރަށުގެ ކައުންސިލާއި، އެ މިނިސްޓްރީއާ އެކު މަޝްވަރާތަށް ކޮށްފައިވާ ކަމަށެވެ.
ހޯމަ ދުވަހު އެ މިނިސްޓްރީގައި މިކަމާއި ގުޅޭގޮތުން ބޭއްވި މަޝްވަރާތަކުގައި މިނިސްޓަރު ޑރ. މަރްޔަމް މާރިޔާއާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވިއެވެ.
އަދި ކ. ހުރާ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަދި މެންބަރުންނާއި އިދާރީ މުވައްޒަފަން ބައިވެރިވިއެވެ.
މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ހުރާގައި ފުޑް ސެކިއުރިޓީއަށް ވަކި ސަރަހައްދެއް ގާއިމްކުރުމަކީ، އެރަށު ކައުންސިލުންވެސް ޝައުގުވެރިކަން ހުރިކަމެއް ކަން ހާމަކޮށްފައިވާ ކަމަށެވެ.
ހަމައެހެންމެ އެކަމަށް ދެވޭނެ ހުރިހާ އެއްބާރުލުމެއް ކައުންސިލްގެ ފަރާތުން މިނިސްޓްރީއަށް ދެއްވާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އެގޮތުން އެ ރަށުން އެކަމަށް ބިމެއް ކަނޑައަޅުއްވާ، ވަރަށް އަވަހަށް މިނިސްޓްރީއަށް ދިނުމުގެ ހުއްދަތަކަށް ކަމާއި ގުޅުން ހުރި އިދާރާތަކަށް ހުށައަޅާނެކަން ކައުންސިލުން ހާމަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓަރު މާރިޔާ ވިދާޅުވީ ފުޑްސެކިއުރިޓީއަށް އަދުގެ ސަރުކާރުން ނުހަނު އިސްކަން ދެއްވާކަމަށާއި ސަރުކާރުގެ ކަމާއި ގުޅުންހުރި ހުރިހާ އިދާރާއަކުންވެސް، އެކަމަށް ބޭނުންވާ ހުއްދަތަކާއި، އެހެނިހެން ކަންކަން ހަމަޖެއްސައިދެއްވުމުގައި އިހުނަަށްވުރެ އިސްކަންދެއްވަވާ، ކަންކަން އަވަސްކޮށްދެއްވާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ މާލެ ސަރަހައްދުގައި މިފަދަ ބިމެއް ޚާއްސަވެފައި އޮތުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި އިޤްތިޞާދަށް މަންފާކުރާނެކަމެއްކަން ފާހަގަ ކުރައްވާފައެވެ.



