ތައިލެންޑްގެ ކުރީގެ ރާނީ ސިރިކިޓް އުމުރުފުޅުން 93 އަހަރުގައި އަވަހާރަވެއްޖެއެވެ.
ރާނީ ސިރިކީޓަކީ ތައިލެންޑުގެ މިހާރުގެ ރަސްގެފާނު މަހާ ވަޖިރަލޯންގްކޯންގެ މަންމާފުޅު ވެސްމެއެވެ.
ރާނީ ސިރިކީޓްގެ ގަނޑުވަރުކޮޅުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކަމަނާގެ ހާލުކޮޅު އިއްޔެ ދެރަވެގެން ޗުލަލޯންގްކޯން ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށިކަމަށާއި އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ރާނީ ސިރިކީޓަށް ވަނީ ލޭގެ އިންފެކްޝަން ޖެހިފައެވެ. އަދި އެކަމަނާގެ ސިއްހީ ތަޖުރިބާކާރުންގެ ބުރަ މަސައްކަތާއެކު ވެސް ހާލުކޮޅު ރަނގަޅު ނުވާކަމުގައި ވެސް ބުނެފައިވެއެވެ.
ރާނީ ސިރިކީޓްގެ ކުރިން ތައިލެންޑުގެ ރަސްކަމުގައި ހުންނެވީ އެކަމަނާގެ ފިރިކަލުން ރަސްގެފާނު ބުމިބޯލް އަދުލްޔަދޭޖް އެވެ.
ރަސްގެފާނު ބުމިބޯލް އަވަހާރަވީ ތައިލެންޑުގައި ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމަށްފަހު 2016 ވަނަ އަހަރުގައެވެ.
ރާނީ ސިރިކީޓް އަވަހާރަވުމާ ގުޅިގެން ތައިލެންޑްގެ ބޮޑުވަޒީރު އަނޫޓިން ޝާންވިރަކުލް ވަނީ މާދަމާ އޮންނަ އޭޝިއަން ލީޑަރސް ސަމިޓުގައި ބައިވެރިވުމަށް މިއަދު މެލޭޝިއާއަށް ކުރައްވަން އުޅުނު ދަތުރުފުޅު ކެންސަލް ކުރައްވާފައެވެ.



