ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ ޖެނުއަރީގެ ނިޔަލަށް ފަށާނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެ ހިދުމަތް ފެށުމަށް ސަރުކާރުން ހަވާލުކޮށްފަވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ.
އެގޮތުން މިކަމާއި ގުޅޭގޮތުން މިނިސްޓަރު އަމީން ވިދާޅުވީ އެ ހިދުމަތް ފަށަން ރާއްޖެއަށް ގެންނަން ނިންމާފައިވަނީ އިލެކްޓްރޯނިކް (އީވީ) ކާރުތަކަކަށްވާތީ އެ އުޅަނދުތައް ރާއްޖޭގެ މާޙައުލާ ބީރައްޓެހި ގޮތަކަށް ފަރުމާކޮށް ގެނެސްފިނަމަ ގިނަ މައްސަލަތަކެއް ކުރިމަތިވާނެކަން އެ ކާރުތައް އުފައްދާ ކުންފުނިން ހާމަކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އެކަމަށް ބަލާ، އުޅަނދުތަކަށް ގެންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މި ކާރުތައް ދުއްވަނީ މޫދާ ކައިރި މާޙައުލަކަށްވުމާއެކު، ލޮނުގެ އަސަރު ކުޑަވާނެގޮތަށް ކާރުތަކަށް ބައެއް މޮޑިފިކޭޝަންތައް ގެންނަންޖެހޭ“މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއީ މި ޚިދުމަތް ފެށުމަށް ލަސްވަމުންދާ މައިގަނޑު ސަބަބުކަމަށެވެ.
ނަމަވެސް އެ ބަދަލުތަކާއެކު އެ އުޅަނދުތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކުރިއަށްއޮތް 3 މަހުގެ ތެރޭގައި އުޅަނދުތައް ގެނެސް ޚިދުމަތް ފެށޭނެ ކަމަށެވެ.




