މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި 447 ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ.
މި ތަމްރީން ޕްރޮގްރާމްތަކަކީ އެމްއޭސީއެލްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ހުނަރުވެރި އަދި ގާބިލު ބައެއްކަން ކަށަވަރު ކުރުމަށް، ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ކުންފުނީގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން މި އަހަރުގެ ތިންވަނަ ކުއާޓާގައި ހިންގި ޕްރޮގްރާމްތަކެވެ.
އެގޮތުން މިދިޔަ ތިން މަސް ތެރޭގައި ހިންގި ތަމްރީން ޕްރޮގްރާމްތަކުގައި 7،773 ބައިވެރިން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމްތަކުގައި ކިޔަވައިދީފައިވަނީ އެމްއޭސީއެލްގެ ޓްރެއިނަރުންނެވެ.

މީގެ އިތުރުން އެމްއޭސީއެލްގެ އޮޕަރޭޝަންސްތަކާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މުހިންމު ސަރަހައްދުތަކާއި އެމްއޭސީއެލް އިން ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ސްކޫލް ދަރިވަރުންނަށް ދިނުމުގެ ހަތަރު ޓުއާއެއް މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޓުއާތަކުގައި 273 ދަރިވަރުން ބައިވެރިވެފައިވެއެވެ.
އެމްއޭސީއެލް އިން އަބަދުވެސް މަސައްކަތް ކުރަނީ އޭވިއޭޝަންގެ ދާއިރާ އަދި އެމްއޭސީއެލްއަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކޮށް، ވަޒީފާގައި ތިބި މުވައްޒަފުންގެ ހުނަރު ތަރައްގީކޮށް، އޭވިއޭޝަން ދާއިރާ މިހާރަށްވުރެ ވަރުގަދަ ކުރުމަށް ކަމުގައި އެކުންފުނިން ބުނެފައިވެއެވެ.


