ޅ. ކުރެންދޫ މަގުތައް ތަރައްޤީކުރުމާއި ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.
ކުރެންދޫ މަގުތައް ތަރައްޤީކުރުމާއި ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ޅ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދު އެ ރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
ކުރެންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.
ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގައި 4 އެނދުގެ ވޯޑަކާއި ނާރސް ސްޓޭޝަނާއި، އެކްސްރޭ ރޫމް އަދި ޑޮކްޓަރަށް ދެއްކުމަށް ހާއްސަ ކޮޓަރިއަކާއި ޕްރައިވެޓް ކޮޓަރިތައްވެސް ހިމެނޭނެއެވެ.
މީގެ އިތުރުން މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި ގުޅޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރުޑރ. ޢަބްދުﷲ މުއްޠަލިބެވެ.
އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.




