ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޅ. ހިންނަވަރުގައި ގާއިމްކުރާ ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު އަޅުއްވައިދެއްވައިފިއެވެ.
އެ ބްރާންޗުގެ ބިންގާ މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އަޅުއްވައިދެއްވީ އެ ކަމަށް ޚާއްޞަކޮށްގެން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ބީއެމްއެލްއިން ބޭންކިންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ބޭންކުން ވަނީ އޭޓީއެމްގެ ޚިދުމަތް ދިނުމަށް ”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ މަޝްރޫޢެއް ފަށާފައެވެ.
މިގޮތުން ރަށްރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާއިރު، އަތޮޅުތަކުގައި ބައެއް ރަށްރަށުގައި ބްރާންޗު ޤާއިމް ކުރުމުގެ މަސައްކަތްވެސް ބީއެމްއެލް އިން ވަނީ ފަށާފައެވެ.
މާލީ މުހިންމު ހުރިހާ ޚިދްމަތްތަކެއް އެއްތަނަކުން ލިބޭނެ ފަދަ އިންތިޒާމެއް، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކުރުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދްމަތްތައް ފޯރުކޮށްދިނުމަށް ޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އެންޑް ޓްރޭޑާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 7 ނޮވެންބަރު 2024 ގައެވެ.




