ހިންނަވަރުގައި 100 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ހިންނަވަރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
އެ ބައްދަލުކުރެއްވުމުގައި ހިންނަވަރަކީ އާބާދީ ބޮޑު، ބައިބޯ ރަށެއްކަން ފާހަގަކުރައްވާ ރައީސް ވަނީ، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރެއްވުމަށް ނިންމަވާފައިވާ ކަންކަމުގެ ތަފުސީލު ހިއްސާކުރައްވާފައެވެ.
އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާ 100 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން، ހިންނަވަރުގައި ހިއްކާފައިވާ ސަރަޙައްދު އާބާދުކުރުމަށް ބޭނުންވާ ފެނާއި، ކަރަންޓާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރެއްވުމުގެ މަސައްކަތްވެސް ހަލުވި ދުވެލީގައި ފުރިހަމަ ކޮށްދެއްވާނޭކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މީގެ އިތުރުން މިހާރު ހިންނަވަރުގައި ހުއްޓުމަކަށް އައިސްފައިވާ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން ކުރިއަށް ނުގެންދާތީ، އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލައި، އެހެން ފަރާތަކާ ހަވާލުކޮށްގެން އެ މަސައްކަތްވެސް އަލުން ފައްޓަވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.



