ކ. ދިއްފުށީގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ގާއިމް ކޮށްފައިވާ އައު އިންޖީނުގެ މިއަދު ހުޅުވައިފިއެވެ.
ސްޓެލްކޯގެ އައު އިންޖީނުގެ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކ. ދިއްފުއްޓަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
އެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒުގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާޙް ރަޝީދު އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ސްޓެލްކޯގެ އައު އިންޖީނުގޭގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންފާރު ރޭނުމުގެ މަސައްކަތް ފެށީ 26 ޖޫން 2024 ގައެވެ. އެ މަސައްކަތް ނިމިފައިވަނީ 30 އޭޕްރީލް 2025 ގައެވެ.
މި މަސައްކަތް ކުރިއަށް ގެންގޮސް ނިންމާފައިވަނީ، ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ. މަސައްކަތުގެ އަގަކީ 12،535،490.33 ރުފިޔާއެވެ.
ދިއްފުށީގައި ކުރިންހުރި އިންޖީނުގޭގެ ކެޕޭސިޓީއަކީ 2.2 މެގަވޮޓް (2،200 ކިލޯވޮޓް) އެވެ. އަދި އައު އިންޖީނުގޭގެ އިންސްޓޯލަބަލް ކެޕޭސިޓީ އަކީ 7 މެގަވޮޓް (7،000 ކިލޯވޮޓް) އެވެ.
އައު އިންޖީނުގޭގައި އިންޖީން ރޫމާއި ކޮންޓްރޯލް ރޫމްގެ އިތުރުން އޮފީސް ބަޔަކާއި، އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ.



