ކ. ތުލުސްދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައިފިއެވެ.
ތުލުސްދޫގައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. އަތޮޅު މީހުން ދިރިއުޅޭ ރަަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ތުލުސްދޫ އަށް ކުރެއްވި ޒިޔާރަތުގައެވެ.
އެގޮތުން ތުލުސްދޫގައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެ ރަސްމިއްޔާތުގައި ފުލުހުންގެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ހޯމް މިނިސްޓަރު ޢަލީ އިޙްސާންއެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، އެމްޓީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި ތުލުސްދޫ ދާއިރާގެ މެމްބަރާއި މީގެ އިތުރުން ކައުންސިލްގެ ރައީސްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.


